އިންގްލިޝް ޕްރިމިއާ ލީގް

ޔުނައިޓެޑްގެ ފެށުން އެވަޓަން އިން ހަރާބުކޮށްލައިފި

ހަސަން ޝިފާން
21 އޯގަސްޓް 2012 11:25 4 ކޮމެންޓު
  • އެވަޓަންގެ ފެލެއިނީ )މ( ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1- 0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ އެ ޓީމުގެ ފެށުން ހަރާބުވެއްޖެ އެވެ.

ޕްރިމިއާ ލީގު އާ ސީޒަންގައި މި ދެ ކްލަބް ކުޅުނު ފުރަތަމަ މެޗުން އެވަޓަން މޮޅުވީ ދެވެނަ ހާފުގައި ބެލްޖިއަމްގެ ފޯވަޑް މަރުއާނޭ ފެލައިނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާސެނަލް އިން ޔުނައިޓެޑާ ގުޅުނު ހޮލެންޑްގެ ފޯވަޑް ރޮބިން ވެން ޕާސީ ވަނީ އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ. އެކަމަކު ޔުނައިޓެޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ބޭނުން އެންމެ އެދެވޭ ގޮތަކަށް ނުހިފުނެވެ.

ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނީ ވެން ޕާސީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނު ކަމަށެވެ.

"އަހަރެމެންނަށް އޭނާ އަށް ބޯޅަތަކެއް ނުދެވުނު. ވެން ޕާސީ ލައްވައި ކުޅުވާއިރު އޭނާގެ ފަރާތުން ޑިފެންޑަރުންނަށް ނުރައްކާވާނެކަން އެނގޭ. އެކަމަކު އަހަރެމެންނަށް އޭނާގެ ބޭނުން އެންމެ ރަނގަޅަށް ހިފެނު،" ފާގަސަން ބުންޏެވެ.

ޔުނައިޓެޑްގެ ޑިފެންޑަރުން އަނިޔާގައި ތިބުމުން ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ނެމަންޔާ ވިޑިޗްއާ އެކު ސެންޓްރަލް ޑިފެންސް އަށް ކުޅުނީ އާންމުކޮށް މެދުތެރެއަށް ކުޅޭ މައިކަލް ކެރިކެވެ. މެޗުގެ 57 ވަނަ މިނިޓުގައި ފެލައިނީ ބޮލުން ލަނޑުޖެހީ ކެރިކް އޭނާގެ ކައިރީގައި ވިއްދާފައި ހުއްޓަ އެވެ.

ފާގަސަން ބުނީ ކެރިކްގެ ފަރާތުން ފެނުނު ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"ކެރިކް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އަހަރެމެންގެ ސެންޓްރަލް ޑިފެންސް މައްސަލައަކަށް ވެފައި އޮތީ. ރޭގެ މެޗުގައި އެތަނަށް ކުޅުނު ކުޅުންތެރިން ރަނގަޅު،" ފާގަސަން ބުންޏެވެ. "ފެލައިނީ އަކީ ދިގު، ވަރުގަދަ ކުޅުންތެރިއެއް. އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމެއް. އެވަޓަން އިން ދިގު ބޯޅަތަކެއް އޭނާ އަށް ކުޅޭއިރު، އޭނާ ހުއްޓުވުމަށް އުނދަގޫވާނެ."

އިނގިރޭސި ލީގުގައި އާ ސީޒަންގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، އާސެނަލް ވަނީ ސަންޑަލޭންޑް އަތުން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލިވަޕޫލް އަތުން ވެސްޓް ބްރޮމް މޮޅުވީ 3- 0 އިންނެވެ. އާދިއްތަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ވިގަން އަތުން 2- 0 އިން ޗެލްސީ މޮޅުވިއިރު، ސައުތުހެމްޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 3- 2 އިންނެވެ. -- އޭއެފްޕީ

އިނގިރޭސި ލީގުގެ ފުރަތަމަ ހަފުތާގައި ކުޅުނު މެޗުތަކުގެ ނަތީޖާ:

އާސެނަލް 0 - ސަންޑަލޭންޑް 0

ފުލަމް 5 - ނޯވިޗް ސިޓީ 0

ވެސްޓް ބްރޮމް 3 - ލިވަޕޫލް 0

ވެސްޓް ހޭމް 1 - އެސްޓަން ވިލާ 1

ރެޑިން 1 - ސްޓޯކް ސިޓީ 1

ކިއުޕީއާރް 0 - ސްވަންސީ 5

ނިއުކާސަލް 2 - ޓޮޓެންހަމް ހޮޓްސްޕާ 1

ވިގަން 0 - ޗެލްސީ 2

މެންޗެސްޓާ ސިޓީ 3 - ސައުތުހެމްޓަން 2

އެވަޓަން 1 - މެންޗެސްޓާ ޔުނައިޓެޑް 0

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait