މެޑްރިޑް (އޮގަސްޓް 20) - ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ވެލެންސިއާއާ 1- 1 އިން އެއްވަރުވި މެޗުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު މެޗުގައި ލީޑު ނެގީ އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ. ވެލެންސިއާ އިން އެއްވަރުކުރީ 42 ވަނަ މިނެޓުގައި ޖޮނަސް އޮލިވެއިރާ ޖެހި ލަނޑުންނެވެ.
މޮރީނިއޯ ބުނީ އޭނާގެ ޓީމު މޮޅުވާން އެޅުނު ހުރަހަކީ ވެލެންސިއާގެ ގޯލްކީޕަރު ޑިއޭގޯ އަލްވެސްގެ މޮޅު ކުޅުން ކަމަށެވެ.
"އެ މީހުންގެ ގޯލްކީޕަރު އެންމެ މޮޅަށް ކުޅުނީ،" މޮރީނިއޯ ބުންޏެވެ. "ވަރަށް މުހިއްމު ބޯޅަތަކެއް އޭނާ މަތަކުރި. އެކަމަކު އަހަރެމެން ކުޅުނު ވަރަށް ވުރެ ތަންކޮޅެއް ރަނގަޅުލޮށްލި ނަމަ އިތުރު ފުރުސަތުތަކެއް ލިބޭނެ. އަނެއްކާ އަހަރެމެން ޖެހި ބޯޅައެއް ދަނޑިއަށް ވެސް އަމާޒުވި."
"އަހަރެމެން މޮޅުވެވޭ ފެންވަރަށް ކުޅުނިން. އެކަމަކު މިއަށް ވުރެ ރަނގަޅުކުރެވޭނެ. ޓީމުގެ ކުޅުން ރަނގަޅު ކުރެވޭނެ،" މޮރީނިއޯ ބުންޏެވެ.
ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ އޭނާގެ އަމިއްލަ ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.
"އަހަރެން އަދި އެންމެ ރަނގަޅު ފޯމަކަށް ނުދޭ. އެކަމަކު އެއީ މައްސަލައެއް ނޫން. މިއީ ދިގު ސީޒަނެއް،" ރޮނާލްޑޯ ބުންޏެވެ.
ވާދަވެރި ބާސެލޯނާ ވަނީ އާދީއްތަ ދުވަހުގެރޭ ރެއާލް ސޮސެއިޑާޑް އަތުން 5- 1 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ބާސާ އިން ކުޅުނު މެޗުގައި ލިއޮނަލް މެސީ ދެ ލަނޑު ޖެހިއިރު، ކެޕްޓަން ކާލްސް ޕުޔޯލް އާއި ޑަވިޑް ވިޔާ އަދި ޕެޑްރޯ ލަނޑު ޖެހި އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހު ކުރިމަތިވި އަނިޔާ އަށް ފަހު ވިޔާ ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

0 comment