ޖޯން ޓެރީ

ޓެރީ އަދި އޭޝްލީ ކޯލްއާ އެންޓަން ފާޑިނަންޑް ސަލާމެއް ނުކުރި

މުހައްމަދު ހަމްދޫން
16 ސެޕްޓެމްބަރ 2012 13:53 1 ކޮމެންޓު
 • ޗެލްސީގެ ކެޕްޓަން ޓެރީ (ކ) އަތް ދިތްކުރުމުން އެންޓަން ފާޑިނަންޑް ސަލާމްނުކޮށް ދަނީ. --އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 16) - ޕްރިމިއާ ލީގުގައި އިއްޔެ ކިއުޕީއާރާއި ޗެލްސީ ކުޅުނު މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ސަލާމް ކުރިއިރު، ޗެލްސީގެ ޖޯން ޓެރީ އާއި އޭޝްލީ ކޯލްއާ ސަލާމްކުރަން ކިއުޕީއާރުގެ އެންޓަން ފާޑިނަންޑް ދެކޮޅު ހަދައިފި އެވެ.

ޓެރީއާ ފާޑިނަންޑް ސަލާމްނުކުރީ މިދިޔަ ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗުގައި ފާޑިނަންޑާ ނަސްލީ ގޮތުން ޓެރީ ދިމާކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ޓެރީގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކޯޓުން ވަނީ ޓެރީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ. ކޯލްއާ ފާޑިނަންޑް ސަލާމްނުކުރީ ކޯޓުގައި ޓެރީގެ ދިފާއުގައި އޭނާ ހެކިބަސް ދީފައިވާތީ އެވެ. ކޯޓުގެ ހުކުމުން ޓެރީ ސަލާމަތްވި ނަމަވެސް އިނގިރޭސި އެފްއޭ އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ކިއުޕީއާރުގެ ދަނޑުގައި ކުޅުނު މެޗު 0- 0 އިން އެއްވަރުވި އިރު މި މެޗަށްވުރެ ބޮޑަށް ގިނަ ބަޔަކު ސަމާލުކަންދިނީ މެޗުގެ ކުރިން ޗެލްސީގެ ޖޯން ޓެރީ އާއި އޭޝްލީ ކޯލާ ކިއުޕީއާރްގެ ޑިފެންޑަރު އެންޓަން ފާޑިނާންޑް ސަލާންކުރާ މަންޒަރު ބެލުމަށެވެ.

ފާޑިނަންޑުގެ އިތުރުން ޓެރީ އާއި ކޯލްއާ ސަލާމްނުކުރީ އެ ޓީމުގެ ކެޕްޓަން ދެކުނު ކޮރެއާގެ ޕާކް ޖީ ސުން އެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕާކް، މެޗުގެ ގުރުލީ ވަގުތު ވެސް ޓެރީއާ ސަލާމެއް ނުކުރެ އެވެ.

އިއްޔެގެ މެޗުގައި ޓެރީ އާއި ކޯލް އަށް ބޯޅަ ލިބުނު ކޮންމެ ފަހަރަކު ކިއުޕީއާރުގެ ސަޕޯޓަރުން ވަނީ ހަޅޭއްލަވާ ދިމާކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ ޕެޓްރީސް އެވްރާއާ ލިވަޕޫލުގެ ލުއިސް ސުއަރޭޒް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނި މައްސަލައިގައި ސުއަރޭޒް ވަނީ އެވްރާއާ ސަލާމްކުރަން ދެކޮޅު ހަދައިފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait