މެންޗެސްޓާ (ޖުލައި 30) - އާ ސީޒަނުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ މެންޗެސްޓާ ޔުނައިޓެޑުގެ ތަފާތަކަށްވާނީ ޔުނައިޓެޑަށް ދާދި ފަހުން ގެނައި ޖަޕާން މިޑްފީލްޑަރު ސިންޖީ ކަގާވާ ކަމަށް އެ ޓީމުގެ ލެޖެންޑްރީ މިޑްފީލްޑަރު ޕޯލް ސްކޯލްސް ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި ޔުނައިޓެޑަށް ގެއްލުނީ ފަހު ދުވަހު އެވެ. ސްކޯލްސް ބުނީ ކަގާވާއާ އެކު ޔުނައިޓެޑް ކުރީގެ މަގާމަށް އަލުން އަރާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ.
"ކަގާވާ ފެންނަނީ ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއްގެ ގޮތުގައި. އަހަރެން އޭނާއާ އެކު ފަރިތަކުރާތާ އަދި ދުވަސްކޮޅެއް މިވީ. އެކަމަކު އޭނާގެ ޓެކްނިކަލް ފެންވަރު ފާހަގަކުރެވިއްޖެ. އޭނާގެ ހުނަރު އަހަންނަށް މިދިޔަ ދުވަސްކޮޅުން ވެސް ފެނިއްޖެ،" އިންގްލެންޑުގެ ތާރީހު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ސްކޯލްސް ބުންޏެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުން ގެނައި ކަގާވާ ވަނީ ފާއިތުވި އަހަރުތަކުގައި އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"އޭނާ ޔުނައިޓެޑަށް ގޯލް ޖަހައިދޭނެ. އެއީ އޭނާ ކާމިޔާބުކޮށްގެން ނުވަތަ އޭނާ ތަނަވަސްކުރާ ފުރުސަތުތަކުން ކާމިޔާބުކޮށްގެން ވިޔަސް. އޭނާ ބޯޅައާ އެކު ދުވާ ދުވުންތައް ވަރަށް އުފެއްދުންތެރިކަމާ އެކު ބޭނުންކުރޭ،" އޭޝިއާ ޓުއާގައި މިދިޔަ ހަފުތާގައި ޗައިނާގެ ޝަންހާއީ ޝެންހުއާ އަތުން ޔުނައިޓެޑް 1- 0 އިން މޮޅުވި މެޗުގައި ލަނޑު ޖެހި ކަގާވާއާ ބެހޭގޮތުން ސްކޯލްސް ބުންޏެވެ.
ސްކޯލްސް ބުނީ އޭނާ އަކީ ދެ ފައިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިއެއް ކަމަށާއި މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ އަކީ މަގުބޫލު ކުޅުންތެރިއަކަށް ވާނެ ކަމަށެވެ.
މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި ސްކޯލްސް މިދިޔަ ސީޒަނުގައި އެނބުރި ކުޅުމުގެ ތެރެއަށް އައީ ޔުނައިޓެޑުގެ މެދުތެރެއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށެވެ. އޭނާ އަންނަ ސީޒަނަށް ފަހު އަނެއްކާ ވެސް ކުޅުން ހުއްޓާލާނެ އެވެ.

0 comment