ޔޫރޯ 2012

ސްޕެއިންގެ ޓީމަށް ވުރެ 1970 ގެ ބްރެޒިލް ޓީމު މޮޅު: ޕެލޭ

ހަސަން ޝިފާން
05 ޖުލައި 2012 12:02 18 ކޮމެންޓު
  • މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ޖޫން ،21 1970 ގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީ 4- 1 އިން ބަލިކުރުމަށް ފަހު ބްރެޒިލްގެ ޕެލޭ )މަތީގައި( އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. -- އޭއެފްޕީ ފައިލް ފޮޓޯ

ރިއޯޑި ޖެނެއިރޯ (ޖުލައި 5) - މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޓީމަށްވުރެ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ބްރެޒިލްގެ ޓީމު މޮޅުކަމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޕެލޭ ބުނެފި އެވެ.

" ކޮންމެ ޖީލެއްގައި ވެސް ތަފާތުތަކެއް އުޅޭ. އެކަމަކު 1970ގެ ބްރެޒިލް ޓީމާއި ސްޕެއިންގެ ޓީމު އަޅާކިޔައިފި ނަމަ 1970ގެ ބްރެޒިލް ޓީމު މޮޅު ކަމަށް އަހަރެން ގަބޫލްކުރަނީ،" 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ސްކޮޑްގައި ހިމެނޭ ޕެލޭ ބުންޏެވެ. "އޭރުގެ ބްރެޒިލް ޓީމުގައި ވަކިވަކި ކުޅުންތެރިންގެ ހުނަރު މާ ރަނގަޅު. ސްޕެއިންގެ ތިބީ އާދަޔާ ހިލާފު ހުނަރުހުރި ދެ ތިން ކުޅުންތެރިން."

މެކްސިކޯގައި 1970 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ބްރެޒިލް ކާމިޔާބުކުރީ ފައިނަލްގައި އިޓަލީ އަތުން 4- 1 އިން މޮޅުވެގެންނެވެ.

ޔޫކްރޭނާއި ޕޯލެންޑްގައި ކުރިއަށްދިޔަ ޔޫރޯގެ ފައިނަލްގައި އިޓަލީ އަތުން 4- 0 އިން މޮޅުވެ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯ ކާމިޔާބުކުރި ސްޕެއިން އިން ކުޅޭ ޕާސިން ގޭމަށް ޕެލޭ ވަނީ ތައުރީފްކޮށްފަ އެވެ.

އަރަމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ޖެހިޖެހިގެން ތިން ފަހަރު ހޯދައިފައިވާ ލިއޮނެލް މެސީ އަށްވުރެ މޮޅު ކުޅުންތެރިއެއް ކަމަށް ޕެލޭ ކުރިން ބުނި ނަމަވެސް، އެނާ މިހާރު ބުނަނީ އެ ދެ ކުޅުންތެރިން އަދި އަޅާނުކިޔޭނެ ކަމަށެވެ.

"މެސީ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ. މެސީއަކަށް ނުވަތަ މަރަޑޯނާއަކަށްވުމަށް ބޭނުންވާ ހުރިހާ ކަމެއް ނޭމާ އަށް ލިބިގެންވޭ. މެސީ އަށް ލިބިފައިވާ ތަޖުރިބާ ނޭމާ އަށް ލިބިފައިވާނަމަ ކާކުބާ މޮޅުވާނީ؟" ޕެލޭ ބުންޏެވެ. -- އޭއެފްޕީ

18 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait