ލަންޑަން އޮލިމްޕިކްސް

އޮލިމްޕިކްގައި ވާދަކުރާ އެތުލީޓުންނަށް ކުޅިވަރާ ބެހޭ މިނިސްޓްރީން އެލަވަންސެއް ދެނީ

ހަސަން ޝިފާން
13 އޯގަސްޓް 2012 14:48
  • އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންޓިންޖެންޓް. -- އޭއެފްޕީ

މި އަހަރުގެ އޮލިމްޕިކް ގޭމްސް އިން ފެށިގެން އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރާ އެތުލީޓުންނަށް އެލަވަންސެއް ދޭން ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރޭ ނިމުނު ލަންޑަން އޮލިމްޕިކުން ފެށިގެން އޮލިމްޕިކްގައި ރާއްޖޭން ވާދަކުރާ އެތުލީޓުންނަށް އެލަވަންސް ދޭން ނިންމީ މި އަހަރު ރާއްޖޭގެ އެތުލީޓެއް ފުރަތަމަ ފަހަރަށް އޮލިމްޕިކަށް ކޮލިފައިވެ، ރާއްޖެ އަށް ރީތި ނަމެއް ހޯދައިދިން އަހަރެއް ކަމަށްވެފައި، ދިވެހި ކުޅުންތެރިންގެ މިންނަތް މަސައްކަތުގެ އަގު ވަޒަންކުރުމާއި އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ.

މި އަހަރުގެ އޮލިމްޕިކްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖޭގެ އެއްވަނަ ަބެޑްމިންޓަން ކުޅުންތެރިއާ މުހައްމަދު އަޖުފާން ރަޝީދު ވާދަކުރީ ރާއްޖޭން އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ އެތުލީޓުގެ ގޮތުގަ އެވެ. އެކަމަކު އަޖުފާން ވަނީ އޮލިމްޕިކް ބެޑްމިންޓަން ސިންގަލްސްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ޖަރުމަނާއި ޔޫރަޕުގެ އެއް ވަނަ ކުޅުންތެރިޔާއާ ވާދަކޮށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް އޭނާ ވަނީ ބަލިވެފަ އެވެ.

މި އަހަރުގެ އޮލިމްޕިކްގައި ރާއްޖޭގެ ދުވުންތެރިޔާ އަހުމަދު އަޒްނީމް ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އަޒްނީމް ވަނީ މި އަހަރުގެ އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމާއި އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ. އޮލިމްޕިކްގެ 100 މީޓަރުގެ ޕްރިމިލިނަރީ ބުރުގެ ތިން ވަނަ ހީޓުގައި ވާދަކޮށް އަޒްނީމް ގައުމީ ރެކޯޑް މުގުރާލީ 10.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ފުރަތަމަ ބުރަށް ކޮލިފައިވީ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. މިއީ އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިމިލިނަރީ ބުރު ފަހަނަޅައި ދިވެއްސަކު ދިޔަ ފުރަތަމަ ފަހަރެވެ.

ފެތުމުގައި ވާދަކުރި އައިމިނަތު ސަޖަން އަންހެނުންގެ 50 މީޓަރު ފްރީ ސްޓައިލް ރޭސް ނިންމީ 23: 32 ސިކުންތުންނެވެ. ހީޓުން އޭނާ ދިޔައީ އަށް ފެތުންތެރިންގެ ތެރެއިން ހަތް ވަނަ އަށެވެ. ފިރިހެނުންގެ 100 މީޓަރުގެ ފްރީ ސްޓައިލް ވާދަކޮށް އަހުމަދު ހުޝާމް ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 53: 57 ސިކުންތުންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި